ނަބަވީ ސީރަތު
މުޙައްމަދު صلى الله عليه وسلم ތިބާއަށް އެކަލޭގެފާނު ފެންނަ ފަދައިން (1)
މީ ޝައިޚް ޢާއިޟުލްޤަރްނީ ލިޔުއްވާފައިވާ (މުޙައްމަދު ތިބާއަށް ފެންނަ ފަދައިން) މި ފޮތް އަޞްލަކަށް ބަލައިގެން ލިޔަމުންދާ ސިލްސިލާ ލިޔުމެކެވެ.
އެކަލޭގެފާނުގެ ނަންފުޅު
محمد މާނައީ "އެބޭކަލަކަށް ޙަމްދުޘަނާއާއި ތަޢުރީފުކުރެވޭ" ކަލޭގެފާނެވެ. އެކަލޭގެފާނުގެ ނަންފުޅަކީ އެ ނަންފުޅުގެ މާނަ އެކަލޭގެފާނަށް ޙައްޤުވެގެންވާ ނަންފުޅެކެވެ. އެކަލޭގެފާނަކީ އެ ނަންފުޅުގެ ފުރިހަމަ މާނަ ރަމްޒުކޮށްދޭ ދިރިހުރި މިސާލެކެވެ. އެއީ މީސްތަކުންގެ މައްޗަށް އިސްކުރެވިގެންވާ އިމާމަކަށް މެނުވީ ނުލިބޭނެ ސިފައެކެވެ. ސަނާ ކިޔޭނެ ހުރިހާ ރީތި ޞިފަތަކެއް އެކަލޭގެފާނުގެ ހަށިކޮޅުގައި ޖަމާވެގެންވެއެވެ. އެކަލޭގެފާނު ވަނީ ހުރިހާ މާތްކަމެއް ޙާޞިލްކުރައްވާފައެވެ. ހުރިހާ މަތިވެރި އަގުތަކެއްގެ މައްޗަށް ވެރިވެވަޑައިގެންފައެވެ. މީސްތަކުންކުރެ އެއީ އެފަދަ ދެވަނައެއްނެތް ފުރިހަމަ މިސާލެކެވެ. ރިވެތި ސިފަތަކާއި ހެޔޮކަންކަމުގައި އެންމެނަށްވުރެ ކުރިއަރައިވަޑައިގެންފައިވާ ނަމޫނާއެކެވެ. ﷲ ޙަޟްރަތުގައި އެކަލޭގެފާނަށް ޙަމްދު ލިބިގެންވެއެވެ. އެހެނީ އެކަލޭގެފާނަކީ އެއިލާހުގެ މަޢުޞޫމު ރަސޫލާއެވެ. އަދި ނަބީކަން ޚަތަމްކުރެއްވި ނަބިއްޔާއެވެ. އެކަލާނގެ ޞާލިޙު އަޅާއެވެ. އަދި ޚަލްޤުތަކުންކުރެ އެކަލާނގެ ޚިޔާރުކުރެއްވި ކައުޞާޙިބާއެވެ. އެއީ ބިމުގެ އަހުލުވެރިންކުރެ އެ އިލާހުގެ ޚަލީލެވެ. ޚަލީލަކީ ކޮބައިކަން ތިބާއަށް އެނގޭތޯއެވެ؟ އެއީ ޞާޙިބުކަމުގެ އެންމެ މަތީ ދަރަޖައެވެ. ލޯތްބާއި އަރިސްކަމުގެ ކުންނުއެވެ.
ހަމައެފަދައިން މީސްތަކުންގެ ގާތުގައިވެސް އެކަލޭފާނަށް ޙަމްދުތަޢުރީފު ލިބިގެންވެއެވެ. އެހެނީ އެކަލޭގެފާނަކީ ހިތްތަކާ ގާތް ބޭކަލެކެވެ. ނަފްސުތައް ލޯބިކުރާ ޝަޚްޞެކެވެ. ޚަލްޤުތަކުންނަށް ވެދުންކުރެވިގެންވާ ރަޙްމަތެކެވެ. މީސްތަކުންނަށް ބަރުތީލަކުރެވިގެން ނިޢުމަތެކެވެ. އެކަލޭގެފާނު ވަޑައިގެންހުންނެވި ކޮންމެ ތަނެއްގައި ބަރަކާތްތެރިވެގެންވާ ބޭކަލެކެވެ. ހުންނެވި ކޮންމެ ތަނެއްގައިމެ އިލާހީ ޚާއްޞަ ޢިނާޔަތް ވަށައިލެވިގެންވާ ބޭކަލެކެވެ. އެއީ ވަޒަންވެރިވި އަދި ދަތުރުކުރެއްވި ކޮންމެ ތަނެއްގައިމެ، ޤަދަރުލިބިގެންވާ ބޭކަލެކެވެ.
އެކަލޭގެފާނުގެ ޠަބީޢަތު ދަންނައެވެ. އެއީ ތަޢުރީފު އޮހިގެންވާ ހަހުރަވެތި ޠަބީޢަތެކެވެ. އެހެނީ ހަމަކަށަވަރުން އެ ޠަބީޢަތު ވަނީ ވަޙީގެ ޒަރީޢާއިން ތަހުޛީބުކުރެއްވިގެންނެވެ. ހަމައެފަދައިން އެއީ ޝަރަފުވެރިކަން ލިބިގެންވާ ޠަބީޢަތެކެވެ. އެހެނީ އެ ޠަބީޢަތު ވަނީ ނަބީކަމާއި ރަސޫލުކަމުން ޖަރީވެވިގެންނެވެ.
ފަހެ ﷲ އީ "مَحْمُودٌ" އެވެ. އެބަހީ ޙަމްދު ލިބިވޮޑިގެންވާ އިލާހެވެ. އަދި އެކަލާނގެ ރަސޫލާއީ "مُحَمَّدُ" އެވެ. އެބަހީ އެކަލާނގެ ޙަޟްރަތުގައްޔާއި، މީސްތަކުން ގާތުގައި ތަޢުރީފު ލިބިގެންވާ ކަލޭގެފާނެވެ. ޢަރަބި ޅެން ބައިތެއްގައި ވެއެވެ.
وشقَّ له من اسمه ليجلّه فذو العرش محمود وهذا محمد
ޅެންބައިތުގައި އެކުލެވިގެންވާ މާނައީ: އަދި އެކަލޭގެފާނު މަތިވެރިކުރެއްވުމަށްޓަކައި މާތްﷲ އެކަލާނގެ ނަންފުޅުން އިތުރު އެކަލޭގެފާނަށް ނަމެއް ފެޅުއްވިއެވެ. ފަހެ ޢަރުޝީގެ ވެރިރަސްކަލާނގެއީ مَحْمُودٌ އެވެ. އަދި މިއީ مُحَمَّدُ އެވެ.
އަދި أحمد އަކީ އެކަލޭގެފާނުގެ ނަންފުޅު ވެސް މެއެވެ. އެކަލޭގެފާނު ނަބީކަމާއިގެން ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ޢީސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދެއްވީ أحمد މި ނަންފުޅުންނެވެ. އަދި العاقب، الحاشر، الماحي މިއީވެސް އެކަލޭގެފާނުގެ ނަންފުޅުތަކެވެ. އަދި އެކަލޭގެފާނަކީ ރަސޫލުބޭކަލުންކުރެ އެންމެ ފަހުގެ ރަސޫލާ އަދި ނަބީބޭކަލުންކުރެ އެންމެ މާތް ނަބިއްޔާއެވެ. އެބޭކަލުން އެކަލޭގެފާނު އަރިހަށް ވަޑައިގެންފިނަމަ، އެބޭކަލުންގެ ޚަޠީބަކީ އަދި އިމާމަކީ އެކަލޭގެފާނެވެ.
އެކަލޭގެފާނަކީ الحوض المورود އެވެ. އަދި اللواء المعقود އެވެ. އަދި المقام المحمود އެވެ. އަދި الغُرّة والتّحجيلގެ ޞާޙިބާވެސް މެއެވެ. ތައުރާތާއި އިންޖީލުގައި ވަނީ އެކަލޭގެފާނު ޛިކުރުކުރެވިގެންނެވެ. އެކަލޭގެފާނަށް ވަނީ ޖިބްރީލުގެފާނު މެދުވެރިކުރައްވައި މަދަދާއި އެހީތެރިކަން ދެއްވިގެންނެވެ. އެއީ ލުއައްޔުގެ ދަރިފަސްކޮޅުގައި ޢިއްޒަތުގެ ދިދަ އުފުއްލަވާ ކަލޭގެފާނެވެ. އަދި އެއީ ޤުޞައްޔުގެ ދަރި ޢަބްދު މަނާފުގެ ދަރިފަސްކޮޅުގައިވި އެންމެ މަތިވެރި ޝަރަފުވެރި ކަލޭގެފާނެވެ. އެއީ ހިތްތަކުގައި ނަންގަނެވޭނެ އެންމެ މާތް ޞާޙިބާއެވެ. .... ނުނިމޭ
ލިޔުންތެރިޔާ
ޝެއިޚް އިލްޔާސް ޖަމާލް
މިހާތަނަށް ކޮމެންޓެއް ނެތް