ނަބަވީ ސީރަތު
މުޙައްމަދު صلى الله عليه وسلم ތިބާއަށް އެކަލޭގެފާނު ފެންނަ ފަދައިން... (2)
މީ ޝައިޚް ޢާއިޟުލްޤަރްނީ ލިޔުއްވާފައިވާ (މުޙައްމަދު ތިބާއަށް ފެންނަ ފަދައިން) މި ފޮތް އަޞްލަކަށް ބަލައިގެން ލިޔަމުންދާ ސިލްސިލާ ލިޔުމެކެވެ.
އެކަލޭގެފާނުގެ ނަސަބުފުޅު:
ފަހެ ރަސޫލާ އަކީ އެންމެ ހެޔޮ ޚަލްޤުތަކުންކުރެ އެންމެ ހެޔޮ ޚަލްޤެވެ. އެކަލޭގެފާނުގެ ނަސަބުފުޅަށް ނިސްބަތްވަނީ ހެޔޮ މީހުންނެވެ. އެކަލޭގެފާނަކީ ޢިއްފަތްތެރި ކާވެންޏެއްގެ ޒަރީޢާއިން އުފަންވެވަޑައިގަތް ބޭކަލެކެވެ. އެކަލޭގެފާނުގެ ކާބަފައިންނަކީ މީސްތަކުންގެ ބޮޑުންނެވެ. އަދި ޤަބީލާތަކުގެ ވެރިންނެވެ. މާތް ޞިފަތައް އެއުރެންގެ ގައިގާ އެއްވިއެވެ. އަދި މަތީ ދަރަޖަތަކަށް އެއުރެން ވެރިވިއެވެ. އެގޮތުން ޢަބްދުލް މުއްޠަލިބުގެ ޞިފަތަކަށް ބަލާހިނދު އެއަށްވުރެ ވަކި މަތިވެރިވެރި މީހަކު އެޒަމާނުގައި ތިބާއަކަށް ނުފެންނާނެއެވެ. އަދި ހާޝިމްގެ ޒަމާނުގައި އެއަށްވުރެ ވަކި މާތް މީހަކު ތިބާއަކަށް ނުފެންނާނެއެވެ. އަދި ޢަބްދު މަނާފްގެ ދަރިފަސްކޮޅުގައި އެއަށްވުރެ ވަކި ދީލަތި މީހަކު ތިބާއަކަށް ނުފެންނާނެއެވެ. އަދި ޤުޞައްޔުގެ ޖީލުގައި އެއަށްވުރެ ވަކި ފުންނާބު އުސް މީހަކު ވެސް ތިބާއަކަށް ނުމެ ފެންނާނޭމެއެވެ. މިހެންގޮސް ކިޔަމުން ދާށެވެ! އާދަމް ޢަލައިހިއްސަލާމް އާ ޖެހެންދެނެވެ.
އެކަލޭގެފާނުގެ ވަޠަން (ވަޒަން)
ފަހެ ހަމަކަށަވަރުން އެކަލޭގެފާނަށް މާތްﷲ އިޚްތިޔާރުކޮށްދެއްވާފައިވަނީ ދުނިޔޭގެ ބިންތަކުގެ ތެރެއިން އެންމެ ހެޔޮ ބިންކޮޅެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގެ ތެރެއިން އެކަލާނގެ ޙަޟްރަތަށް އެންމެ ލޮބުވެތިކަން ބޮޑު ރަށެވެ. އެއީ ޙުރުމަތްތެރިވެގެންވާ ރަށެވެ. ޠާހިރުވެގެންވާ ވެއްޔެވެ. މުޤައްދަސްވެގެންވާ ބިމެވެ. ޚާއްޞަ ޢިނާޔަތް ވަށާލެވިގެންވާ އަދި ޚާއްޞަ ރިޢާޔަތުން ޙިމާޔަތްވެގެންވާ ވަޠަނެވެ. އާދޭހެވެ! އެކަލޭގެފާނު އުފަންވެވަޑައިގަތީ މައްކާއަށެވެ. އެ ބިމެއްގައި ނަބީބޭކަލުން ނަމާދުކުރެއްވި ބިމެވެ. އަދި ރަސޫލުބޭކަލުން ރޭއަޅުކަންކުރެއްވި ބިމެވެ. އަދި ވަޙީ ބާވައިލެއްވުނު ބިމެވެ. ހިދާޔަތުގެ ނޫރު ފާޅުވެ، ރިސާލަތުގެ ހުޅުކޮޅު ދިއްލި، ނުބުއްވަތުގެ ވޮށް އަލިވެ، ބިއުޘަތުގެ ފަތިހަށް އަލިވިލުނު ބިމެވެ. އާދޭހެވެ! ކަށަވަރުވެގެންވާ ޢަހުދާއި، ފުން ލޯތްބެއް ދެވިގެންވާ ޤަދީމީ މާތް ގެގޮޅު ހުރި ބިމެވެ. ފަހެ މައްކާއަކީ މަޢުޞޫމް ނަބިއްޔާ އުފަންވެވަޑައިގަތް ބިމެވެ. އެކަލޭގެފާނުގެ ޅަފަތުގެ ދާނާއި، ފުރާވަރުގެ ކުޅިވަރު މައިދާންތަކާއި، ޒުވާންކަމުގައި ކިޔަވައިވިދާޅުވި އެދުރުގެތަކާއި، ނޫކަށިފުރައިގައި ހިތްގައިމުކުރެއްވި މައިޒާންތަކާއި، ފޫހިފިއްލަވާލެއްވި ބަގީޗާތައް އެތަނެއްގައިވީ ބިމެވެ.
ފަހެ އެކަލޭގެފާނުގެ މަގުޗާޓު ކުރެއްސެވީ އެތަނުގައެވެ. މައްކާގައެވެ. އަދި އެކަލޭގެފާނުގެ މަތިވެރި ދަޢުވަތު ފެތުރުއްވެވީ އެބިމުގައެވެ. އެންމެފަހުން އެކަލޭގެފާނު މައްކާއިން ނެރެލެއްވުނު ހިނދު، އެ ބިމާ އަލްވަދާޢު ކިޔުއްވީ ވަފާތެރިންގެ އަލްވަދާޢުންނެވެ. އެ ބިމާ ވަކިވެވަޑައިގަތީ އެކަލޭގެފާނަށް ތަޙައްމަލް ނުކުރެއްވޭވަރުގެ ވަކިވުމަކުންނެވެ. ( لَا أُقْسِمُ بِهَـٰذَا الْبَلَدِ ﴿١﴾ وَأَنتَ حِلٌّ بِهَـٰذَا الْبَلَدِ ﴿٢﴾) މާނައީ: " ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް (އެބަހީ: مكة) ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (1–2). ..... ނުނިމޭ
ލިޔުންތެރިޔާ
ޝެއިޚް އިލްޔާސް ޖަމާލް
މިހާތަނަށް ކޮމެންޓެއް ނެތް