ނަބަވީ ސީރަތު
މުޙައްމަދު صلى الله عليه وسلم ތިބާއަށް އެކަލޭގެފާނު ފެންނަ ފަދައިން... (3)
މީ ޝައިޚް ޢާއިޟުލްޤަރްނީ ލިޔުއްވާފައިވާ (މުޙައްމަދު ތިބާއަށް ފެންނަ ފަދައިން) މި ފޮތް އަޞްލަކަށް ބަލައިގެން ލިޔަމުންދާ ސިލްސިލާ ލިޔުމެކެވެ.
ފަހެ ހަމަކަށަވަރުން ޠާހިރުކަން އެކަލޭގެފާނާއެކު އުފަންވިއެވެ. އަދި ހިނިތުންވުމަކީ އެކަލޭގެފާނުގެ އެކުވެރިއެއް ކަމުގައި ވިއެވެ. އަދި އަބަދު އެކަލޭގެފާނާ އެކުގައި ﷲގެ ހެޔޮތައުފީޤު ވިއެވެ. ފަހެ އެއީ ކުއްޖެކެވެ. ނަމަވެސް އެހެން ކުދިން ފަދަ ކުއްޖެއް ނޫނެވެ. އެންމެހާ ނުބައިކަމަކުން ބަރީއަވެގެން ވުމުގެ އިތުރުން މޮޅު ކުއްޖެކެވެ. ވިސްނުން ތޫނުފިލިކަން ލިބިގެންވުމާއެކު ﷲގެ ޚާއްޞަ ޢިނާޔަތު ލިބިގެން ވިއެވެ. ޚާއްޞަ ރިޢާޔަތުގެ ލޯ އަބަދުވެސް ފާރަވެރިވެ ބަލަހަށްޓައެވެ. ރައްކާތެރިކަމުގެ އަތް އަބަދުވެސް އެހީތެރިވެއެވެ. ވިލާޔަތުގެ އޮފިތައް އަބަދުވެސް ހިޔާވެހިކަން ދެއެވެ. ފަހެ އެއީ ކުޑަ ކުދިންގެ ތެރޭގައިވާ ނޫރުގެ ދަންމަރެކެވެ. ދޯހަޅިކަމާއި، އެންމެހާ ދަށުދަރަޖައިގެ ޚުލްޤާއި، ހުތުރު ޞިފަތަކާއި، ނުބައި މަގުތަކުން މާތް ﷲ އެކަލޭގެފާނު ސަލާމަތްކުރެއްވިއެވެ.
އެހެނީ ހަމަކަށަވަރުން ތުއްޕުޅު އިރުގައި އެކަލޭގެފާނު ވަނީ މުޅި ދުނިޔެ އިސްލާޙްކުރުމުގެ ބުރަ މަސްއޫލިއްޔަތަށް ހޮވިވަޑައިގެންފައެވެ. އިންސާނީ ދަރިފަސްކޮޅު ބާއްޖަވެރިކުރުމުގެ މަސައްކަތަށް ތައްޔާރުކުރެވިގެންނެވެ. އަނދިރިކަމުން އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުމަށްޓަކައި އިލާހީ ޚާއްޞަ ޢިނާޔަތުގެ ދަށުން ތަމްރީން ދެވިގެންނެވެ. ފެހެ އެކަލޭގެފާނަކީ މީހެކެވެ. އެހެނަސް ނަބިއްޔެކެވެ. އެކަލޭގެފާނަކީ އިންސާނެކެވެ. އެހެނަސް ރަސޫލެކެވެ. އަދި އެކަލޭގެފާނަކީ ﷲ ގެ އަޅެކެވެ. އެހެނަސް މަޢުޞޫމެކެވެ. އަދި އާދަމުގެ ދަރިއެއްވެސް މެއެވެ. އެހެނަސް ވަޙީ ބާވައިލެއްވިގެންވާ ބޭކަލެކެވެ.
މުޙައްމަދު صلى الله عليه وسلم އަކީ ހަމައެކަނި ޒަޢީމެއް ނޫނެވެ. އެހެނީ ހަމަކަށަވަރުން ބޮލުގެ އިސްތަށީގެ ޢަދަދަށް ތަފާތު ޒަޢީމުން ދުނިޔެ ދެކެފައިވެއެވެ. ޢިލްމީ ގޮތުން އެފަދަ ޒަޢީމުންގެ ފޮނި އުއްމީދުތަކެއް ވިއެވެ. ވެރިކަންކުރުމުގައި މަޤްޞަދުތަކެއް ވިއެވެ. އަދި ދުނިޔަވީ ގޮތުން ޙާޞިލްކުރަން ބޭނުންވި އެދުންތަކެއް ވިއެވެ. އެހެނަސް މުޙައްމަދުގެ ފާނު އެހެނަކުން ނޫނެވެ. އެކަލޭގެފާނަކީ ޞާލިޙު ބޭކަލަކަށް ވުމާއެކު އިޞްލާޙްކުރައްވާ ބޭކަލެކެވެ. ތެދުމަގު ދައްކަވާ، ތެދުމަގު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނާއެކުގައި ފޮތާއި ސުންނަތް ވެއެވެ. ނޫރާއި ހިދާޔަތު ވެއެވެ. ފައިދާހުރި ޢިލްމާއި ޞޯލިޙް ޢަމަލުވެއެވެ. ފަހެ އެކަލޭގެފާނު ޒަޢީމުކަންކުރެއްވީ ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބައަށެވެ. އަދި ރޫޙާއި ހަށީގަނޑުގެ ބާއްޖަވެރިކަމަށެވެ. .... ނުނިމޭ....
ލިޔުންތެރިޔާ
ޝެއިޚް އިލްޔާސް ޖަމާލް
މިހާތަނަށް ކޮމެންޓެއް ނެތް